ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވައިގެން ސައިކަލެއް ގަތް ކަމަށް ބުނާ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮލައިމާން އާމިރު 24އ އަށެވެ.އޭނާ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރީ 92،000 ރުފިޔާގެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ ސީޝާގެ ސާވިސް ސެންޓަރުން ހޮންޑާ އޭޑީވީ 160 މަރުކާގެ ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ވެސް އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ.
އޭނާ ސީޝާގެ ސާވިސް ސެންޓަރަށް ގޮސް ސައިކަލާ ހަވާލުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ އެނަލިސިސިސް ފޮޓޯ ރިޕޯޓާއި އޭނާ ފޮނުވި ފޭކް ސްލިޕްގެ ސްކްރީން ޝޮޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީ ހިމެނޭހެން މާއްދީ ހެކިތައް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ެެއެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން އަމުރުކުރި އެވެ.
އަދި އެއީ ބަންގްލަދޭޝްގެ ރައްޔިތަކަށް ވާތީ، ބަންދުން ދޫކޮށްލައިފި ނަމަ އެ ގައުމަށް ގޮސް ފިލުމުގެ އިހުތިމާލް އޮތުމުން އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.