މި ހިނގާ އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާ އެއްވަރުވީ ފަސް ދާއިރާއެއްގައި ކަމަށާއި އެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިންތިހާބު ކުރަންޖެހޭ މެމްބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވޯޓުގެ ދެވަނަ ބުރު ބާއްވާ ދާއިރާތައްކާއި، ކެނޑިޑޭޓުންނަކީ، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި، އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް އެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި)، އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމްއެވެ. ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ އެވެ. ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާއެވެ. ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު، އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާއެވެ.
އީސީން ބުނީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ.
އިސީން ބުނީ، ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އިތުރު ބުރު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ މީހުންނާއި 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވާ މީހުން އެކަނި ކަމަށެވެ.