އީރާނާއެކު ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަޝްވަރާތައް ނާކާމިޔާބު ކަމަށް ބުނެ އެމެރިކާގެ ވަފުދު ޕާކިސްތާނުން ފުރައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާއާ ދެމެދު 21 ގަޑިއިރަށް ދެމިގެންދިޔަ މަތީ ފަންތީގެ ސުލްޙައިގެ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ ވަފުދު ވަނީ އެނބުރި ގައުމަށް ފުރާފައެވެ.

ދެފަރާތުން ބަދަލުކުރަމުން އަންނަ ހަމާލާތައް ހުއްޓާލުމަށް އެއްބަސްވުމަކާއި ހަމައަށް އައުމަށް ކުރަމުން އަންނަ އެ މަޝްވަރާތައް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފަށާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ މަޝްވަރާތަކާއެކު މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އޮތް އުންމީދުގެ ހުޅުކޮޅު ދިއްލުނު ނަމަވެސް ނާކާމިޔާބު މަޝްވަރާތަކަކަށްފަހު ވަނީ އެ އުންމީދު ގެއްލިފައެވެ. އަދި އެ ސަރަހައްދުގެ ހަމަޖެހުމާމެދު ކުރިޔަށް އޮތް ދުވަސްތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެ މަޝްވަރާތަކަށް ހިޔަނިއެޅިގެން ދިޔަ މައިގަނޑު ސަބަބަކީ، ދެ ފަރާތުގެ ދެމެދުގައި އިތުބާރު ބިނާވެފައި ނެތުމުންނެވެ.

މި މަޝްވަރާތައް ހުއްޓުމަކަށް އައި ސަބަބާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ނުގެންދެވުނީ ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން ދެކޮޅު ހެދުމުން ކަމަށެވެ.

އީރާނުން ވަނީ އެމެރިކާއިން ކުރިމަތިކުރުވީ ވަރަށް "ބޮޑާ" ޝަރުޠުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

އެމެރިކާއިން އެ މަޝްވަރާތަކުގައި ހުށަހެޅި މައިގަނޑު އެއް ޝަރުތުގެ ތެރޭގައި ހަނގުރާމަ ފެށުމާއެކު، ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް އީރާނުން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުން ހިމެނެއެވެ.

ނަމަވެސް އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، ހުރްމުޒްގެ ފުރިހަމަ ކޮންޓުރޯލު އީރާންގެ އަތްމައްޗަށް ދޫކޮށްލުމަށް އީރާނުން ވަނީ ޝަރުތުކޮށްފައެވެ.

މީގެ އިތުރުން، ލުބްނާންގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ވެސް އީރާނުން ވަނީ ޝަރުތުކޮށްފައެވެ.

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުކޮށްލުމުގެ ނިޔަތުގައި ލުބްނާނަށް ދެމުންދާ ނިރުބަވެރި ހަމަލާތައް ޔަހޫދީން ވަނީ ވަރުގަދަކޮށްފައެވެ.

މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާފައި ވަނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ. އެމެރިކާގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ޖެޑީ ވޭންސްގެ އިތުރުން ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ އެވެ.