މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްސަ މެސެޖެއްގައެވެ.
ޒާހިދު ވިދާޅުވީ މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރުކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ އިންތިޚާބުގައި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ޒާހިދު ވިދާޅުވިގޮތުގައި މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވާކަމަށެވެ. މި ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު އެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.