އެމްޑީޕީގެ އެތެރޭގައި ހުރި ކަންކަން ހައްލުވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމްގައި އެމްޑީޕީގައި މި ފަހުން ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީއެއްތެރޭގައި ހިނގާ ކަން ކަން ހުންނާނެ ކަމަށެވެ.

އެގޮތުން އެންމެ ފަހުން ހިނގައިދިޔަ ހަމަނުޖެހުން ހިނގާފައިވަނީ ކައުންސިލް އިންތިހާބު ކާމިޔާބުކުރުމުގެ އުފާ ފާޅުކުރަން ޖަލްސާއެއް ރާވަމުން ދަނިކޮށް ކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ ބައެއް ފަހަރަށް ހަމަނުޖެހުންތައް ހިނގާ ވަގުތަކީ އެންމެ ރަނަގަޅު ވަގުތު ކަމަށް ނުވެދާނެ ކަމަށެވެ.

ނިޔާޒް ވިދާޅުވީ އެ ހިންހަމަ ނުޖެހުމަކީ ދެރަކަމެއް ކަމަށެވެ.

އެކަން އެގޮތަށް ނުވިނަމަ މާރަނގަޅުވީސް، އަޅުގަނޑު އުންމީދ ކުރަނީ ކުރިއަށް އޮތް ތަނުގައި އެކަން ކަން ރަނގަޅުކޮށް ޕާޓީއަށް އުންމީދު ލިބޭ ގޮތަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ނިންމުންތަކެއް ނިންމި އަޅުގަނޑުމެންގެ ހަރަކާތްތަށް ރަނގަޅަށް ތަރުތީބުވެގެން ދާނެ ކަމަށް"

ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ލީޑަރުން ކުރިން ވީހެން ވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި ކުރިން ތިބިގޮތަށް ބައިބައި ވެގެން ތިބުމަކީ، އޮޕްޝަނެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތެރޭގަ ހިންގަންޖެހޭ ހަރަކާތްތަކެއް ހިނގުމަށްފަހު އެކައްޗެއްގެ ގޮތުގައި ރައްޔިތުންނާ ހިސާބަށް ރިޔާސީ އިންތިހާބުގައި ދާންވާނެ ކަމަށެވެ.

ބައިބައި ވެގެން ގޮސްގެން ނުވާނެ، އަދި އެތެރޭގެ އިންތިހާބުތަކުގަ ނުވަތަ އެތެރޭގަ މި ހިނގާ ސިޔާސީ ދެބަސް ވުންތަކުގެ ސަބަބުން ރިޔާސީ އިންތިހާބަށް އެއްވެސް ހާލަތެއްގައި އެކަމުގެ ހިޔަނި އެޅިގެން ނުވާނެ"

ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

އެތެރޭގަ ދިމާވާ ކަން ކަމުގެ ސަބަބުން ބައިބައިވުމަކީ ހަދާނެ ވަރަށް ބޮޑު މިސްޓޭކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ، އެމްޑިޕީގެ މެމްބަރުން އަދި ދިވެހި ރައްޔިތުންވެސް އެދޭގޮތެއް ނޫން ކަމަށާއި، ލީޑަރުން އެވަރު ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ލީޑަރުންވެސް އެކަމާ ވިސްނަން ވާނެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ލީޑަރުންނަކީ މަޖިލީހުގެ ރައީސްކަން ކޮށްފަތިބި ބޭފުޅުންނާއި، ރައީސްކަން ކޮށްފަތިބި ބޭފުޅުން. އެހެންވީމަ އެބޭފުޅުންނަށް އިނގެންވާނެ ހަގީގަތުގައި ރައްޔިތުންގެ އުންމީދުތަކާއި، މި ދިމާވާ ކަންކަމާމެދު ޓެކުލް ކުރަން."

ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ނިޔާޒް އިތުރަށް ވިދާޅުވީ ލީޑަރުން ގިނަ ވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ކޮންމެ މީކަހަށްވެސް އެމްޑިޕީގެ ލީޑަރަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން ކާމިޔާބު ފާހގަކުރުމަށް ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލްތަފާތުވުން ނިމުމަކަށް އައިސް އެންމެން އެއްގަލަކަށް އަރާފައިވާކަން ފާަހަގަކުރައްވާފައެވެ.

އެ މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލު ތަފާތުވުންތައް ހަމަޖެއްސުމަށް ފައްޔާޒް އިސްމާއީލް ބުރަ މަސައްކަތްތަކެއް ކޮށްދެއްވިކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.