އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއި ވާހަކަދައްކަވަމުން ނަޒީމް ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަންޖެހިފައިވާކަމަށެވެ. އެހެންކަމުން މަގުގެ މަރާމާތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ނަޒީމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެއީ މާލޭގައި އާރްޑީސީން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

މަގު އަލުން މަރާމާތު ކުރާއިރު ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެކަމަށާއި، އެގޮތުން އަލުން ތާރު އަޅާއިރު ރަނގަޅު ފެންވަރަކަށް ތާރު އަޅާނެކަމަށް ނަޒީމް ވިދާޅުވިއެވެ. ހާއްސަކޮށް އެ ސަރަޙައްދުގައި ތާރު އެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްގީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.