ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާއި ގުޅޭ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން އެމަގާމުގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.

އީސީން ބުނީ، މީދޫ ކައުންސިލްގެ ރައީސްގެ ވޯޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލައި އަލުން ގުނުމަށް ނިންމާފައިވަނީ ދ. މީދޫގައި ބެއްހެއްޓި 2 ނަންބަރު ވޯޓު ފޮށިކަމަށެވެ. މި ފޮށި ގުނުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މައްސަލަ ދިމާވީ މީދޫ ކައުންސިލްގެ ވޯޓު ކަރުދާހެއްގައި ދެފަހަރު ފާހަގަލާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އަދި އެ ވޯޓު ކަރުދާހުގައިވާ ވޯޓު އުނިކުުރުމުން ކައުންސިލް ރައީސްގެ ވޯޓު 2 ކެންޑިޑޭޓުންގެމެދުގައިވަނީ އެއްވަރުވެފައެވެ.

އެހެންކަމުން އެ ވޯޓްފޮށީގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައި މީޑިއާތަކަށްވެސް ވަނީ ދައުވަތު ދީފައެވެ.