ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެއެވެ.
މީޑިއާއަކަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް މޫސާ އަހްމަދު ވިދާޅުވީ، ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ ކަމަށާއި، އެއަށްވުރެވެސް ލިބުނު ގެއްލުން ބޮޑުވުން އެކަށީގެންވާ ކަމަށެވެ.
މޫސާ ވިދާޅުވީ އެ ހާދިސާގައި އެނދި ހަތަރު ދޯނީގެ ތެރޭ ފީއައްޔަށް ތެޔޮ ގެންނަ ދޯންޏެއް ހިމެނޭ ކަމަށެވެ.
ރަށުގައި މިވަގުތު "ކުދިކުދި ކަންކަން" ކުރާނެ ވަރަށް ޕެޓްރޯލާއި ޑީސަލް އެބަހުރި ކަމަށާއި، ރަށަށް ތެޔޮ ބޭނުންވެއްޖެ ހާލަތުގައި، ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމުން އޮތީ އެހީތެރިކަން ދިނުމަށް ތައްޔާރަށް ކަމަށް، މޫސާ ވިދާޅުވިއެވެ.
ފީއަލީގެ އައިސްޕްލާންޓުގެ ހާލަތު ބެލުމަށް ޓަކައި މިފްކޯއިން އެ ރަށަށް ދިޔުމަށް ހަމަޖައްސާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގެ ސަބަބުން 20 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާކަން ފާހަގަކުރައްވާމޫސާ ވިދާޅުވީ އެއީ އެ އާއިލާތަކުން ކާންބޯން ކުރަމުން އައި މަސައްކަތް ކަމަށެވެ.
މީގެ އިތުރުން އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސްކުރަން ހެނދުނުގެ ވަގުތެއްގައި ބަނދަރާ ކައިރިކޮށްފައި ވަނިކޮށް، ޕަންޕު ޖެއްސި ގަޑީގައި ކަމަށް އެރަށުން މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ.
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަނދަމުންދާ ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 9:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އަލިފާންގަނޑު ނިއްވާލެވުނީ 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މޫސާ ވިދާޅުވީ ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާކަމަށެވެ.
އެގޮތުން 3 ދޯންޏާއި ތެޔޮ ބޯޓެއްގައި ރޯވެފައިވާ އިރު، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް މިފްކޯ އިން މައުލުމާތުދެއެވެ.
މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ. މިއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. އަދި މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ގައިއެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލުމާތުލިބެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.