ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް މިދިޔަ މަހު 4 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މާޗު މަހު ލިބުނު އާމްދަނީ، އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 26.8 އިންސައްތަ އިތުރެވެ.

މީރައިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ، ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވުމަކީ މާޗު މަހު ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ޓެކުހުން ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ވެސް މީރާ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، މީރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުން މި މުއްދަތުގައި 7.6 އިންސައްތަ ހޯދިފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.

މީރާ އިން ބުނީ މާޗު މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 އިންސައްތަ އިތުރު ކަމަށާއި، ފަތުރުވެރިން އިތުރުވުމުގެ ސަބަބުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އާއި ޑިޕާޗާ ޓެކުހުގެ އާމްދަނީ ވެސް އިތުރުވި ކަމަށެވެ. އަދި މާޗު މަހު ޑޮލަރުން 205 މިލިއަންގެ އާމްދަނީއެއް ލިބިފައިވާކަމަށް ވެސް ބުނެއެވެ.

މާޗު މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ ޖުމްލަ އާމްދަނީގެ 59.6 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ގޮތްތަކަށް ބަލާލާއިރު، ރިސޯޓު ލޭންޑް ޓެކްސް، 440 މިލިއަން ރުފިޔާ އެއީ ޖުމްލަ އާމްދަނީގެ 10.9 އިންސައްތަ، ގްރީން ޓެކްސް، 312 މިލިއަން ރުފިޔާ އެއީ ޖުމްލަ އާމްދަނީގެ 7 އިންސައްތަ، އެއާޕޯޓު ޑިވެލޮޕްމެންޓު ފީ، 271 މިލިއަން ރުފިޔާ އެއީ ޖުމްލަ އާމްދަނީގެ 6.7 އިންސައްތައިގެ އިތުރުން ޑިޕާޗާ ޓެކްސް، 248 މިލިއަން ރުފިޔާ އެއީ ޖުމްލަ އާމްދަނީގެ 6.1 އިންސައްތަ، އަދި އިންކަމް ޓެކްސް، 198 މިލިއަން ރުފިޔާ އެއީ ޖުމްލަ އާމްދަނީގެ 4.9 އިންސައްތަ އާމްދަނީއެއް ގެ ގޮތުގައި ލިބިފައިވެއެވެ.