މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގެނައި އުޅަނދުތައް ރަށްތަކައް ފޮނުވުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް 230 ހެވީ ވެހިކަލް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، އުޅަނދުތައް އަތޮޅުތަކަށް ފޮނުވުމަށްޓަކައި މިހާރު ކުރިއަށްދަނީ އެ ތަކެތި ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ނަޒީމް ވިދާޅުވީ، އަންނަ ހަފްތާއާއި އޭގެ ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި އުޅަނދުތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ.ފުރަތަމަ ބުރުގައި 20 ރަށަކަށް ހެވީ ވެހިކަލް ފޮނުވުމަށް ވަނީ ނިންމާފަކަމަށް ނަޒީމް ވިދާޅުވިއެވެ.

މި އުޅަނދުތަކުގެ ތެރޭގައި ތާރު އަޅައިގެން މަގު ހެދުމަށް ބޭނުންވާ ހަތަރު ތާރު ޕްލާންޓެއް ވެސް ހިމެނެއެވެ. އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ ތިން ޕްލާންޓެވެ. ނަޒީމް އިތުރަށް ވިދާޅުވީ، މި އުޅަނދުތައް ފޮނުވާ ރަށްރަށުގައި ކުރިއަށްދާ އެހެނިހެން މަޝްރޫޢުތަކަށް ވެސް ބޭނުންޖެހިއްޖެ ޙާލަތެއްގައި މި ތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މާލެ ސަރަޙައްދުގައި މި އުޅަނދުތައް ބޭނުންކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތަށެވެ.

މި މަސައްކަތުގައި މާލެ ސަރަޙައްދުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކަށެވެ. ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.

ގިނަ ޢަދަދެއްގެ ވެހިކަލް ރާއްޖެ ގެނެސްފައިވަނީ، ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސްކުރުމަށެވެ. އަދި އެކީ އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށެވެ.