ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށްވެސް އެދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެމްކިއުއޭއިން ބުނީ އެކަމަށް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރަން ދޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް"ގެ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކޮށްދޭ ފަރާތްތަކުން ވަރަށް ބޮޑު ފީއެއް ނަގަމުން އަންނަކަން ފާހަގަކޮށް އެމްކިއުއޭއިން ބުނީ އެފަދަ ފަރާތްތަކާ ގުޅިގެން ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހި އެ ދަރިވަރުންނަށް ކުލާސްތަކުގައި ބައިވެރި ނުވުމުގެ ޝަކުވާ ވެސް ލިބެމުން އަންނަކަމަށެވެ.
މީގެ އިތުރުން ލޯނުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލާފައިވާއިރު މި ލިޔުން ހޯދުމަށް ތިންވަނަ ފަރާތެއް މެދުވެރިނުވެ އަމިއްލައަށް އެދެވޭނެ ކަމަށާއި މި ހިދުމަތަކީ އެއްވެސް ފީ އެއް ނެގުމެއް ނެތި ދެމުން އަންނަ ހިދުމަތެއް ކަމަށް އެމްކިއުއޭއިން ބުނެއެވެ.
އެމްކިއުއޭއިން ބުނީ މި ހިދުމަތަށް އީމެއިލް މެދުވެރިކޮށް އަދި އެމްކިއުއޭއަށް ހުށަހަޅައިގެންވެސް އެދެވޭނެ ކަމަށެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ، ގައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމާފައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދޫކުރާ ލޯނު ސްކީމްގެ މަދުވެގެން 50 އިންސައްތަ އަކީ، ޓެކްނިކަލް ދާއިރާތަކަށް ދޭ ލޯނަށް ހެދުމަށް ނިންމާފައިވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމަށް ހާއްސަ އުސޫލެއްވެސް މިހާރުވަނީ ގެޒެޓުކޮށްފައެވެ. މި އުސޫލުގައި މުހިއްމު ބައެއް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެގޮތުން މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއެއް މިހާރު ނޯންނާނެއެވެ. މީގެސަބަބުން ކޮންމެ ދަރިވަރަކަށްވެސް ކިޔަވަން ދާން ތައްޔާރުވެ ލޯނަށް އެދެވޭނެއެވެ. އަދި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމާއި، އެމްކިޔުއޭއިން ދޫކުރާ އިންޓެންޑަޑް ލެޓާއާއި، ފީ ސްޓްރަކްޗަރު ލިބުމާއެކު ލޯނަށް އެދެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. މިއާއެކު ލޯނަށް ހޮވި ކިޔަވަން ނުފަށާ ތިބި ދަރިވަރުންގެ އަދަދު މަދުވެގެންދާނެ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެންމެ ބޮޑު ބޭނުމަކީ، ދަރިވަރުންނަށް މިއީ ދެ ކެޓަގަރީއެއްގެ ގޮތުގައި އޮތުމުން އެޕްލިކޭޝަން ހުށައެޅުމުގައި އޮޅުން އެރުމާއި، ޑިސްކޮލިފައިވާ ސަބަބެއް ކަމުގައިވާތީ އެކަން ހައްލު ކުރުން ކަމަށް ވީއިރު، މިއުސޫލުގެ ދަށުން އަލަށް ކިޔަވައި ކުދިންނާއި ކިޔަވަމުންދާ ކުދިންގެ ކެޓަގަރީ ވަނީ އުވާލާފައެވެ.
ހަމައެއާއެކު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަގީންވެ ކިޔަވަން ދާން ބޭނުންވާ ވަގުތު ފައިސާ ހަމަޖެހޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.