ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ވަކިން ފްލެޓަށް ކުރިމަތިލާއިރު، އެއީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހެއްކަން ސާބިތު ކުރުމަށް، އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މިގޮތުން އެ ކެޓެގަރީއަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އަށެވެ.
އެ ވުޒާރާއިން މީގެ ކުރިން އާންމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ޚާއްސަކޮށްފައިވެއެވެ. އޭރު އުސޫލު އޮތްގޮތުން ޖެހެނީ، ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާލާށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެވުޒާރާއިން އުސޫލަށް ގެނައި ބަދަލަކާއެކު، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ކުޑަކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.