މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކޮށް، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.
އެގޮތުން، މިއަދު ޕީސީބީއިން ނެރުނު ބަޔާނުގައި ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން ޚަރަދު ކުޑަކުރުމުގެ ގޮތުން ތަންފީޒުކުރުމަށް ފިޔަވަޅުތަކެެއް އެޅުމަށް އަންގާފައިވެއެވެ.
އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން، ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމައި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތްނުކުރުން، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި އަދި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަަވައި އިތުރު މުވައްޒަފުން މަޤާމުތަކަށް ނުނެގުންމަށް ޕީސީބީއިން އިރުޝާދުދެއެވެ.
އޭގެ އިތުރުން އިޤްތިސާދީ ހިރާސްތަކަށް ރިއާޔަތްކޮށް ކުންފުނީގެ ކޭޝްފުލޯ ދަތިނުވެ، ދެމެހެއްޓެނިވިގޮތަކަށް ކޭޝްފުލޯ މެނޭޖުކުރުމަށްޓަކައި، މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުމުގައި އަޅަންޖެހޭ އެންމެހާ އެހެނިހެން ފިޔަވަޅުތައް އެޅުން، ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ކުންފުނިން ނުކުރާކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އިޤްތިސާދަށް ކުރާނެ އަސަރުތަށް ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދިނުމާއި ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި، އަދި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެެހެން ކުންފުނިތަކަށްް ވަސީލަތްތައް ހިއްސާކުރުމާއި، ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުންމަށް ޕީސީބީން ވަނީ ފާހަގަކުރައްވާފައެވެ.
ޕީސީބީއިން ބުނެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި ހިއްސާކޮށްފައިވާ ސަރކިއުލަރގައި ބަޔާންކުރާ އެންމެހައިކަންތައްތަކާއި، އަދި މި ނޫނަސް އެޅުން މުހިންމު އެހެނިހެން ފިޔަވަޅުތައް ކުންފުނީގެ ބޯޑުން ތަކުން އެޅުމަށެވެ.
ރާއްޖެއިން ބޭރަށް ކޮންމެެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުމާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމުގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުމާއި ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން އަދި ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގ ދަތުރުތައް މިވަގުތަށް ހުއްޓާލައި، މި ފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުންމަށް ޕީސީބީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއަރތަކުގައި ނޫނީ ބައިވެރިނުވުމާއި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރަން އަދި ކަރަންޓުގެ ހަރަދު ކުޑަކުރުން ޕީސީބީއިން ވަނީ ބުނެފައެވެ.
ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން މި ފިޔަވަޅުތަކަށް އަމަލުކުރުން ވީހާވެސް އަވަހަށް ފެށުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.