ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލަ، ސުޕްރީމް ކޯޓުގައި ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އަލުން ތާވަލުކޮށްފިއެވެ.

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހުގެ 10:30 އަށް ތާވަލުކޮށްފައިވާއިރު، މިއީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަނުކުރި އައު ފަނޑިޔާރުންނާއެކު، މުޅި ބެންޗުން މި މައްސަލަ ބަލާ ފުރަތަމަ ފަހަރެވެ.

މި މައްސަލައަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ-މެޖޯރިޓީ އޮތް މަޖިލީހުން ވަރަށް އަވަސް އަރުވާލައިގެން ފާސްކުރި އިސްލާހަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. އެދުވަހު ބިލު ހުށަހަޅައި، ބަހުސްކޮށް، ކޮމިޓީން ނިންމައި، ތަޅުމުން ފާސްކުރުމަށްފަހު، އެރޭގެ ވަގުތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބަދަލުތައް ތަސްދީގުކުރައްވައިފައެވެ. ނަމަވެސް އަލީ ހުސައިން ވަކާލާތު ކުރައްވާ ގޮތުގައި، ރާއްޖެއަކީ ރިޔާސީ ނިޒާމެއް އޮންނަ ގައުމަކަށްވެފައި، މިފަދަ "އެންޓި-ޑިފެކްޝަން" ގާނޫނުތަކަކީ ރިޔާސީ ނިޒާމުތަކާ ބީރައްޓެހި އުސޫލުތަކެކެވެ. އަދި މި އިސްލާހަކީ މިހާރު ތިއްބެވި މެންބަރުންގެ މައްޗަށް މާޒީއަށް ރުޖޫއަވާ ގޮތަށް ތަންފީޒު ކުރެވޭނެ ބަދަލެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރައްވައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގޮސް ދިގުލައިގެން ދިޔައީ ޝަރުއީ ދާއިރާއަށް އައި ބޮޑެތި ލޮޅުންތަކަކާ ގުޅިގެންނެވެ. މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ބަންޑާރަނައިބުގެ އިއުތިރާޒުތަކާ ދެކޮޅަށް މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށް، ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވިއިރު، އަނެއް ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ ޖަވާބުދާރީވާން ފުރުސަތު ނުދީ ކަމަށް ބުނެ ބޭރުގެ ޖަމިއްޔާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައިސް، އައު ހަތަރު ފަނޑިޔާރުން އައްޔަނުކުރުމަށްފަހު މިހާރު މި މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރިޔާސަތުގައި ހަތް ފަނޑިޔާރުންގެ މުޅި ބެންޗުންނެވެ. މި މައްސަލައިގެ ނިންމުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތަށާއި، މަޖިލިސް މެންބަރުންގެ މިނިވަންކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ނިންމުމަކަށް ވާނެއެވެ.