ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން، އެމްއެސްޕީއީއޭއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގެ އޮޕަރޭޝަންތަކަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށެވެ.
އެ ވުޒާރާއިން ބުނީ، މި ހާލަތުގެ ސަބަބުން ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވަޒީރު ޝިޔާމް، އެސޯސިއޭޝަނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، 10 މާރިޗު 2026ގައި އެމްއެސްޕީއީއޭ އާއެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާއިން ހުށަހަޅާފައިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މަަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގައި ހަރަދު ބޮޑުވާ ކަމެއްކަން ފާހަގަކުރެވުމާއެކު، އެކަންކަމަށް ލުޔެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ މިފަދަ ބައިނަލްއަގުވާމީ ގޮންޖެހުންތަކުގެ ތެރޭގައިވެސް މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ހުރަސްއެޅުނަނުދީ، ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުން ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.