ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫޢުގެ 80 އިންސައްތައިގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ނ. މާފަރަށް އިތުރުކުރާ 20.40 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތްތަކެވެ. އަދި އެއާއެކު މުޅި މަޝްރޫޢުގެ ޖުމްލަ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން އިން ވަނީ ބުނެފައެވެ.

ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 20.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ސޭންޑް ސަރޗް ސަރވޭއެއް ވެސް ހިމެނެއެވެ.

މާފަރު ބިން ހިއްކާ އެރަށަށް އިތުރުކުރާ 20.40 ހެކްޓަރުގެ ބިން ޚާއްސަކުރާނީ އިޤްތިސާދީ ކަންކަމަށާއި މީގެއިތުރުން އަލަށް ހިއްކާ ބިމުން ކޮންމެވެސް ބައެއް ބޯހިޔާވަހިކަމަށް ވެސް ކަނޑައެޅުމަށްވަނީ ނިންމާފައެވެ.

ސަރުކާރުން 91 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން މާފަރު ބިމަށް އިތުރު ކުރާ ބިމަކީ، ރަށުގެ މުސްތަޤުބަލަށާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި މުހިންމު ކަމެއްގެގޮތުގައި ރަށު ކައުންސިލާ ރައްޔިތުން ދެކެއެވެ.