ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ސ. ފޭދޫ، ޝީރާޒީގެ، އަލީ ސާއިމް (32އ) 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

މި ހުކުމް އިއްވާފައިވަނީ އޭޕްރީލް 7 ވަނަ ދުވަހުކަމުގައި އެ އިދާރާއިން ބުނެއެވެ.

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުކަމުގައި ފުލުހުން ބުނެއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުންނެވެ.