މިމަހުގެ 4 ވަނަ ދުވަހުގެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ބުނެފިއެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީހު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިއާޔަތްކޮށެވެ. މިހާރު ތިބި ކައުންސިލަރުންގެ ހުވާކޮށްފައިވަނީ 17 މޭއި 2021 ގައި ކަމުން އައު ދައުރަށް ކައުންސިލަރުން ހުވާކުރާނީ މިއަންނަ މަހުގެ 17 ގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ކައުންސިލަރުންނާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައްވެސް ވަނީ އިންތިހާބުކޮށްފައިވީ ނަމަވެސް މި ކޮމެޓީތަކުން ހުވާ ނުކުރާނެއެވެ. އޭގެ ބަދަލުގައި އެކޮމެޓީތަކުގެ މެންބަރުން އެދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން އިގްރާރުގައި ސޮއިކުރާނެއެވެ.

އެ އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓްލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ވޯޓުލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް، މަސައްކަތް ކުރަމުންނެވެ.