ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެމްޕީއެލްގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މައިގަނޑު 6 ފިޔަވަޅެއް ތަންފީޒު ކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.

އެމްޕީއެލްއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، އެމްޕީއެލްއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައިވާއިރު، އިދާރީ މުވައްޒަފުންގެ މިހާރު ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އެވެ.

މީގެ ކުރިން މަސައްކަތު ގަޑި ނިމެނީ 15:30 އެވެ. މީގެ އިތުރުން އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތް މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރު ނުކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލުން ހިމެނެއެވެ. އަދި ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާ ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަދަރުތައް ވީހާވެސް ކުޑަކުރުމަށާއި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެކުންފުނިން ވަނީ ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.

އެކުންފުނިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުމަށްވެސް ވަނީ ނިންމާފައެވެ. މިހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމި މި ކޮންފަރެންސް މިހާރު ބޭއްވުމަށް ތާވަލްކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އެމްޕީއެލްއިން ބުނީ ކަރަންޓުގެ ހަރަދު ކުޑަކުރުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ހަރަދު ކުޑަކުރުމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެކަމުގެ ޔަގީންކަމާއި މި ބަދަލުތަކާއިއެކުވެސް، މުދާ ބޭލުމާއި ކްލިއަރކުރުމުގެ ހިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އެމްޕީއެލްއިން ދެއެވެ.