ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.
ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
ގަތަރު އެއާވޭސްއިން މިއަދު ދަތުރުތައް ފަށާފައިވާއިރު، އެއާލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ދަތުރުކުރާނެ ކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ އެއީ ހަފުތާއަކު 7 ދަތުރު ކަމަށެވެ.
ގަތަރު އެއާވޭސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. ގަތަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެކަމަށް ގަތަރު އެއާވޭސްއިން ގަބޫލުކުރެއެވެ.
ޖޫންމަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލުކުރެވޭނެ ކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ.
މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދުވެސް މިހާރު 20 އިން 16 އަށް ދަށްވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އާއި ސީޓް އޮކިއުޕެންސީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.