އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު އެތައް ހާސް ވިޔަފާރިތަކަކަށް ލުއި ލިބިއްޖެ އެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލެކެވެ.
އޭޕްރީލް 1 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ މި އިސްލާހުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި މިފަދަ ވިޔަފާރިތަކަށް ލިބިގެންދާނެ އެވެ. އެގޮތުން ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެ އެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެ އެވެ.
މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މިލުއި ގެބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕާޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފަ އެވެ.
މިބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސަރ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރެވެމުންދާނެއެވެ.
ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިގްތިސާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.