މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމައިފިއެވެ.

އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަތަރު އެއާލައިންގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ 9 އެޕްރީލް ވާ އަންގާރަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފްލައިޓް، QR672، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ތާވަލުކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 08:15 ގައި ކަމަށެވެ.

މިއީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކަށްފަހު، ރާއްޖެއާއި މެދުއިރުމައްޗާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ބަދަހިވެގެންދާނެ ކަމެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގަތަރު އެއާވޭސް ފަދަ ބޮޑު އެއާލައިނެއްގެ ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެ ިތުރުން އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބި، ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ މި ސިނާއަތް އޭގެ ފުރިހަމަ ބާރުމިނުގައި ހިނގައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގަތަރު އެއާވޭސްއަކީ މުހިންމު ދައުރެއް އަދާކުރާ އެއަާލައިނަކަށް ވާއިރު، މި ދަތުރުތައް އަލުން ފެށުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމެކެވެ.

މެދުއިރުމަތީގައި ހިނގަންފެށި ހަމނުޖެހުމާއެކު ގަތަރު އެއާލައިންސްގެ ދަތުރުތައް ހުއްޓާލާފައި ވަނީ، ފެބްރުއަތީ 28 ވަނަ ދުވަހުއެވެ.