ބަންކަރިން ޚިދުމަތުން މިހާތަނަށް ސަރުކާރަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވަނީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން މި ސަރުކާރަށް ފަޑުކިޔުންތައް އަމާޒުވިނަމަވެސް އެ ޚިދުމަތުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ސައީދު ވިދާޅުވީ، ބަންކަރިން ޚިދުމަތުން މިދިޔަ މަހު 31އާ ހަމައަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ބަންކަރިން ޚިދުމަތަކީ ނެދަލޭންޑްސްގެ "ވިޓޯލް" ކުންފުންޏާއި އެސްޓީއޯ ގުޅިގެން ދެމުން އަންނަ ޚިދުމަތެކެވެ.
ބަންކަރިން ހިދު،މަތަށް ޙާއްސަކޮށްގެން "އުތުރު އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ގެ ނަމުގައި އައު އިމާރާތެއް ޤާއިމްކޮށް، އެ ޚިދުމަތް ދިނުމަށް އެސްޓީއޯ އާއި ވިޓޯލުގެ އެއްބަސްވުމެއްގައި ސޮއިކުރީ 2024 އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ސަރުކާރުން ވަނީ މިއީ އަހަރަކު 400 މިލިއަން ޑޮލަރު އިގްތިޞާދަށް ވަންނާނެ ކަމެއް ކަމަށް އަންދާޒާކޮށްފައެވެ.
މި ޙިދުމަތް ދިނުމަށް އެސްޓީއޯއިން އަންނަނީ ތިން ބޯޓެއް ބޭނުންކުރަމުންނެވެ.
އޭގެ ތެރޭގައި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދު ހިމެނޭއިރު، އެ އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ އުފުލޭ ބޯޓަކެވެ.
އެސްޓީއޯ އިން ވަނީ ބަންކަރިންގެ ޙިދުމަތަށް 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި އަދި 3200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެއް ވެސް ގެނެސްފައެވެ.