ރާއްޖެއާ ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް މިހާތަނަށް 4200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށާއި، އެ ކޮންޓެއިނަރު ތަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މި ފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒިރު ވިދާޅުވީ، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 80 ކޮންޓެއިނަރު އަވަސްކޮށްދޭން މިހާރު އެދިފައިވާ ކަމަށެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް މިހާތަނަށް 4200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށާއި، މީގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސް ކުރައްވަމުންދާ ކަމަށެވެ.
އަސާސީ ބާވާތަތްކުގެ ތެރެއިން ދެ ބާވަތެއް އަވަސްކޮށްދިނުމަށް މާކެޓުން އެ ވުޒާރާގައި އެދިފައިވާތީ އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެގޮތުން، ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް 80 ކޮންޓެއިނަރު އަވަސް ކުރުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް ވަނީ އަސަރުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑު އަސަރުކޮށްފައިވާއިރު ރާއްޖޭގެ މާކެޓަށް އޭގެ އަސަރު ފޯރުނަނުދިނަމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.