އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ޕެޓިޝަނުގައި ސޮއިކުރަނީއަބްދުލްޣަފޫރު މޫސާމަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގައުމީ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް އިއްޔެއިން ފެށިގެން ރެއާ ހަމައަށް ވަނީ 50 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ 10 މެމްބަރެއްގެ ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެއެވެ. އަދި އުސޫލުތަކުގައިވާ ގޮތުން ގައުމީ މަޖިލިސް ބާއްވާފައި ސިމްޕަލް މެޖޯރިޓީން ޗެއާޕާސަން ވަކިކުރެވޭނެއެވެ.

ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ވަކިކުރުމުގެ މަސައްކަތް މި ފެށީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް އޭނާ ސޮއިކޮށް ސިޓީއެއް ފޮނުވި މައްސަލައިގައި އެ ޕާޓީގެ އިސް ބައެއް ފަރާތްތަކާއި އާންމު މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.