ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް މާކެޓަށް ނެރެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވިހެން ގޭހުގެ އާޝިޕްމަންޓެއް 7 އޭޕްރިލް ވީ އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށާއި މިކަމުގައި ހާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މި ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނައިރު، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ.

އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ސްޓޮކް ލިބުމުން އާންމު ހާލަތުގައި އެ ކުންފުނިން ގޭސް ވިއްކައެވެ.