އެމެރިކާ އާއި އިޒްރޭލުން، އީރާނަށް ދެމުން އަންނަ ހަމަލާތައް ދެ ހަފުތާގެ މުއްދަތަކަށް ހުއްޓާލުމަށާއި، ތެޔޮ އުފުލުމުގައި އެންމެ މުހިންމު ރާސްތާ ކަމަށްވާ ހޮރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެއްބަސްވެއްޖެއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އެކުލަވާލުމުގައި އިސް ދަޢުރެއް އަދާކޮށްފައިވަނީ ޕާކިސްތާނުންނެވެ.

އެ ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައި ވަނީ، އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އީރާނު ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

އީރާނުން ހުރުމުޒް ކަނޑުއޮޅި ކުރިއެކޭ އެއްގޮތަށް ރައްކާތެރިކަމާއެކު ވަގުތުން ހުޅުވާލަން އެއްބަސްވާނަމަ، ދެ ހަފުތާގެ މުއްދަތަށް އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ހުއްޓާލުމަށް އެމެރިކާއިން އެއްބަސްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެކަމަށް އިޝާރަތްކުރައްވާ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގެ ފުރިހަމަ ބާރު އޮންނާނީ އީރާނުގެ ހަތިޔާރުއެޅި ފައުޖުތަކުގެ އަތްދަށުގައި ކަމަށްވެސް އަރަގްޗީ ވަނީ ވިދާޅުވެފައެވެ.

މެދު އިރުމަތީގެ ހަނގުރާމަ ހުއްޓާލާ ހުރުމުޒް ކަނޑުއޮޅި ހުޅުވާލަން އެއްބަސްވި ޚަބަރާއެކު، ދުނިޔޭގެ ބާޒާރުގައި އުފުލެމުންދިޔަ ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މިގޮތުން މިއަދު ހެނދުނާ ހަމައަށް ތެލުގެ އަގު %8 ދަށަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހިއްސާގެ ބާޒާރުތަކަށް މިއަދު ހެނދުނު ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

40 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަމަލާ ބަދަލުކުރުންތަކުގައި އެ ހަނގުރާމައިގައި ކާމިޔާބު ހޯދިފައިވާ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. އަދި އީރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭން ގަބޫލުކުރުމަށް އެމެރިކާއަށް މަޖުބޫރުވެފައިވާ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އެ ސަރަހައްދުން ބޭރުކުރާ މައި މަގެވެ.

އެ ކަނޑުއޮޅީގެ ބާރު އީރާނުން ގެންގުޅޭއިރު، އެތަން ބަންދުކޮށްފައިވަނީ އެމެރިކާއާއި ގުޅިގެން އިޒްރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން އެ ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ޙަމަލާތަކެއްގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެ ކަނޑުއޮޅީގެ ދަތުރުފަތުރު 90 އިންސައްތަ ދަށަށް ގޮސް، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.