މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ރޭ ބުނީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރު ކަމަށެވެ.
އެއާއެކު އެމީހާ އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.