އަސާސީ ބާވަތްތައް ލިބުން ދަތިވިޔަ ނުދޭން 164 ބާވަތެއްގެ މުދާ މޮނިޓަރ ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ޖުމްލަ 164 ބާވަތެއްގެ މުދާ މިހާރުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުން ދާ ކަމަށެވެ.

"މީގެ ތެރޭގައި ކައްކާ ގޭހާއި، ތެލާއި، ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކޮންމެހެން ބޭނުންވާ ތަކެތީގެ އިތުރުން، އެހެނިހެން 26 ބާވަތެއްގެ މުދާ ދަތިވިޔަ ނުދީ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކޮންމެ ދުވަހަކުވެސް ވަރަށް ބޮޑަށް މޮނިޓަރ ކުރަމުން ދަން މި ބާވާތްތައް. އަދި އެހެނިހެން ބާވަތްތައްވެސް ދަތިނުވެ ނުދީ މަސައްކަތް ކުރަމުންމިދަނީ މިކަން ކުރަން."

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ކަމަށެވެ.

އެގޮތުން މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ކާބޯތަކެތި ހޯދުމުގައި ބޭރުގެ މާކެޓްތަކާއި ސަޕްލަޔަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާލުވިއެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އެއްވެސް ބާވަތެއްގެ އަސާސީ މުދަލަކަށް ނުޖެހި، ބޭނުންވާ މިންވަރަށް ތަކެތި ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ކަމާބެހޭ އެޖެންސީތަކާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި ނިޒާމު މިގޮތަށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ރޭވިފައިވާ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.