ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ދަނީ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވަނީ، ރާއްޖެއަށް މުދާ ބޭލުން ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރާ މުދާ ބޭލުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާނެކަމުގެ އިންޒާރު ދީފައިވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އޭގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ކަންކަން ބަލަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ކާބޯ ތަކެއްޗާއި ތެލާ ބޭސްފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ ގައުމުތަކާއެކު މިހާރުވެސް ރަސްމީ މުޢާމަލާތްތައް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަޝްވަރާތަކަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެދާނެ ގޮންޖެހުންތަކުގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކުވެރި ގަ އުމުތަކުގެ ކުންފުނިތަކާއި، ރާއްޖޭގެ ބައެއް ކުންފުނިތަކާ ގުޅައިދީފައިވާ ކަމަށެވެ.