އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫ އިން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50ރ. ގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20ރ. ގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް އަނބުރާ ލިބޭނެ ކަމަށެެވެ. އަދި އެ ޕްރޮމޯޝަނުގައި ކޭޝްބެކް އަނބުރާ ލިބޭނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އާއި ހޯކްސްގެ ތެޔޮ ވިއްކާ ޝެޑުތަކުން ކަމަށް ވެސް އުރޫދީއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރު، ތެލުގެ އަގު އުފުލެމުން ދާއިރު، އެ ޕްރޮމޯޝަން ތައާރަފްކުރީ ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުން ކަމަށް ކަމަށް އުރީދޫއިން ބުނެއެވެ.

އެގޮތުން އުރީދޫއިން ބުނީ، 50ރ. ގެ ޕެޓްރޯލް އެޅުމުން އިތުރު ލީޓަރެއްގެ އަގު އެމްފައިސާ ވޮލެޓަށް އަނބުރާ ލިބޭނެ ކަމަށެވެ.

އުރީދޫ އިން ބުނީ، އެމްފައިސާ ބޭނުން ކުރުމަށް އުރީދޫ ސުޕައެޕް ނުވަތަ އެމްފައިސާގެ އެޕް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އެމްފައިސާއަށް ރަޖިސްޓްރީ ކުރުމަށް ދިވެހިން އައިޑީކާޑުގެ ދެ ފަރާތް އަދި ބިދޭސީން ޕާސްޕޯޓާއި ވޯކްޕާމިޓް ހުށައަޅަން ޖެހޭނެ ކަމަށާއި، އެއާއެކު ކޮންމެ ކަސްޓަމަރަކަށް ވެސް އެމްފައިސާ ވޮލެޓުގެ ޕިން ނަމްބަރެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ ފިންޓެކްގެ ސީއީއޯ ހުސެއިން ނިޔާޒް ވިދާޅުވީ އެމްފައިސާ މެދުވެރިކޮށް އުރީދޫ ފިންޓެކުން ފޯރުކޮށްދެނީ ޒަރޫރީ ހަރަދުތަކުން ފައިސާ ސަލާމަތް ކުރެވޭނެ ފަސޭހަ ޑިޖިޓަލް ހައްލެއް ކަމަަށެވެ. އަދި އެ ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ފައިދާހުރި ހިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވި އެވެ.