އެސްއެމްއީ ޑިޖިޓަލްއިން ފަތުރުވެރިކަމުގެ ދާއިރާއަށް ފައިނޭންސިން ލިމިޓް އިތުރުކޮށްދީފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުމަށް ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން މި ބަދަލު ގެނައި ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ފައިނޭންސް ކުރާއިރު ކުރީގައި އޮންނަ 5 މިލިޔަން ރުފިޔާގެ ލިމިޓަކީ ވަރަށް ކުޑަ ލިމިޓެއް ކަމަށެވެ. އެ ލިމިޓުގެ ސަބަބުން ބައެއް ބަދަލުތައް ގެނެސް މަޝްރޫއު ފެށިނަމަވެސް އެކަށީގެންވާ ފައިނޭންސް ނެތުމުން މަޝްރޫއު ހުއްޓޭގޮތް މެދުވެރިވާ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަދަ މަޝްރޫޢުތައް ހިންގޭނީ އެކަށީގެންވާ ފައިނޭންސެއް ދެވިގެން ކަމަށް އެކުންފުނިން ދެކޭތީ މިހާރު މި ދާއިރާގެ ވިޔަފާރިތަކަށް ފައިނޭންސް ކުރެވޭ މިންވަރު 10 މިލިޔަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު އެހެނިހެން ދާއިރާތަކުންވެސް ފައިނޭންސިން ލިމިޓް އިތުރު ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.
އެކުންފުނިން ވަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް 7 އަހަރުގެ ތެރޭގައި ކުންފުނި ފުޅާވެ، މިހާރު 100 އަށްވުރެ ގިނަ މުވައްޒަފުންނާއިއެކު 4000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެއިތުރުން ކުންފުނީގެ ސްޓްރަކްޗަރއަށް ބަދަލު ގެނެސް، ކުންފުނީގެ ދަށުން ދޫކުރާ ފައިނޭންސް ފެސިލިޓީތަކަކީ އިސްލާމީ ޝަރީއާއާއި އެއްގޮތަށް ދޫކުރާ ފެސިލިޓީތަކަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.