ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް މި ހިނގާ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ދަނީ ހަރަކާތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާ ކަމަށެވެ. އެހެންކަމުން، ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް މީޑިއާތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ ، މި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރާމްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.
އެގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.