މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 14:16 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށާއި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.