މާދަމާއިން ފެށިގެން ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭ އަގުތައް އިއުލާންކޮށް، އަގު ނަގައިގެން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މި މަހުގެ 1ވަނަ ދުވަހު ލ.އަތޮޅުގައި ތައާރަފުކުރި އެ ޚިދުމަތް ފުރަތަމަ ހަފްތާ ކުރިއަށްގެންދިޔައީ އެއްވެސް އަގަކާ ނުލައި، ތަޖުރިބާ ދަތުރު ހަފްތާއެއްގެ ގޮތުގައެވެ.

އެމްޓީސީސީން ބުނީ އެއީ ރޫޓުތައް ތަޖުރިބާކުރުމާއި ޚިދުމަތް ހޯދުމުގައި އާއްމުންގެ ޚިޔާލު ހޯދައި، ބަދަލެއް ގެންނަން ފެންނަ ނަމަ އެކަމަށް މަގުފަހިކުރުމަށް ކުރިއަށްގެންދިޔަ މަރުހަލާއެއް ކަމަށެވެ.

އެގޮތުން އެ މުއްދަތު ހަމަވެ މާދަމާއިން ފެށިގެން އެ ޚިދުމަތަށް އަގު ނަގަން ފަށާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރޫޓުތަކާއި ދަތުރުގެ ދިގުމިނަށް ބަލައިގެން ލ.އަތޮޅުގެ ފެރީގެ އަގުތައް، އާއްމުކޮށްފައެވެ.

އެގޮތުން އެންމެ ކައިރި ދަތުރުތަކަށް ކޮޅަކަށް 35 ރުފިޔާ ކަނޑައަޅާފައި ވާއިރު އެންމެ ދުރު ދަތުރުތަކުގެ އަގަކީ ކޮޅަކަށް 125 ރުފިޔާއެވެ. ދެކޮޅަށް ޓިކެޓް ނަގާނަމަ، އަގު ހެޔޮވާނެއެވެ.

ފެރީދަތުރުގެ ޓިކެޓު ނެގޭނީ އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި އެކި ރޫޓުތަކުން ރަށްރަށަށް ކަނޑައަޅާފައިވާ އަގުތައްވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.

ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރެއެވެ. މި ލޯންޗުތަކަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. މި ލޯންޗުތަކުގައި 4 ޖާގަ ޚާއްސަކޮށްފައިވަނީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.

ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ފަށައި 145 ރަށް ވަނީ ޒަމާނީ ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލާފައެވެ.