ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހަކީ ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 7ވަނަ ދުވަހެވެ.
މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިޢާރަކީ "ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" އެވެ.
އެގޮތުން ސިއްހަތު ދުވަހާ ގުޅުވާ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވީ އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށެވެ.
އަދި އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން "މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ" ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.