މި މަހުގެ 4 ވަނަ ދުވަހު ކުރިއަށް ދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޚިޔާލު ހޯދުމަށް ނެގުނު އިންތިޚާބު ތަކަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަމެއް ނެތް އިންތިޚާބު ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

މިކަންހާމަކުރައްވާފައި ވަނީ އިންތިޚާބުތަކާ ބެހޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު އެވެ.

ވަހީދު ވިދާޅުވީ، މި އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން އައި ގޮތާ މެދު ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީޕީ އިން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުން ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ކަމަށެވެ.

އެގޮތުން އީސީން ސަރުކާރަށް ތަބާވެ މި އިންތިޚާބުގައި ގިނަ ރައްޔިތުންނަށް ވޯޓު ނުލެވޭނެ ގޮތަށް އިންތިޒާމުތައް ރޭވި ކަމަށާއި ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި ފޮށިތައް ނުބަހައްޓަން ނިންމުމާއެކު އެމްޑީޕީން ދިޔައީ އެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ވަހީދު ވިދާޅުވިއެވެ.

"މި އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން އައިގޮތާމެދު ފުރަތަމަ ދުވަހުންފެށިގެންވެސް އެމްޑީޕީން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުން. އިލެކްޝަންސް ކޮމިޝަނުން ސަރުކާރަށް ތަބާވެ،މި އިންތިޚާބުގައި ގިނަ ރައްޔިތުންނަށް ވޯޓު ނުލެވޭނެ ގޮތަށް އިންތިޒާމުތައް ރޭވެމުން ދިޔުމާއެކު ހާއްސަކޮށް ރާއްޖެއިން ބޭރުގައި ފޮށިތައް ނުބަހައްޓަން ނިންމުމާއެކު އަޅުގަނޑުމެންދިޔައީ އެ ކަންބޮޑުވުންތައް ފާޅުކުރަމުން.އަޅުގަނޑުމެންނަށް އިއްޔެ އިންތިޚާބު ނިމިގެން ދިޔައިރު މި ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ތާރީޚުގަ ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އޮޅުންބޮޅުން އޮތް އިންތިޚާބެއްގެ ގޮތުގައި. އިންތިޒާމުތަކުގެ ތެރޭގަ. އިލެކްޝަންސް ކޮމިޝަންގެ ތައްޔާރީތައް ވެފަ ހުރީ ސީދާ މި އިންތިޚާބު އިންސާފުވެރި ނުވާނެ މަގުން. އަޅުގަނޑުމެން މި ވާހަކަތައް ތާއަބަދު ދެއްކިން. ވަކިން ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފަރާތުން ފެނިގެން ދިޔައީ މި ދެންނެވި ގޮތަށް އަމަލުތައް ބެހެއްޓިތަން. 24 ގަޑިއިރަށް ވޯޓުލުމަށްވެފައި ވަނިކޮށް އީސީގެ ރައީސް ވަނީ ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އަމަލުކޮށްފައި."

އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ އިންތިޚާބަށް 24 ގަޑިއިރަށް ފެވައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރައްވައި ވޯޓުލާން ތިބި މީހުންނަށް ވޯޓު ނުލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައި ކަމަށެވެ.

މިކަމުން ސާފުވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ހުންނެވީ ސަރުކާރުގެ ސީދާ ނުފޫޒާ ބާރުގެ ދަށުގައި ކަމަށާއި މި ސަރުކާރަށް މި އިންތިޚާބު ކަމިޔާބު ކޮށްދިނުމަށްޓަކައި އީސީގެ ރައީސްގެ ހައިސިއްޔަތުން ކުރެވުނު ހުރިހާ މަސައްކަތެއް ޒާހިދު ވަނީ ކުރައްވާފައި ކަމަށާއި މުޅި އިންތިޒާމުތައް ގަޑުބަޑު ކޮށްގެން އެ ބޭފުޅުން އަމަލުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ސީދާ އެ ކޮމިޝަންގެ ބޭފުޅުން މައުލޫމާތު ދެމުންދާ ކަމަށް ވެސް ވަހީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން "އީސީގެ ރައީސަށް ދަންނަވަން އޮތީ މަގާމުގެ މަސްއޫލިއްޔަތު ގާނޫނުގަ އެ ބުނާ މުސްތައްގިލު މުއައްސަސާއެއްގެ ގޮތުގައި ހިންގޭނެ ކަމުގެ ފުރުސަތު ނުދެވޭނަމަ މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް" ވަހީދު ވަނީ ވިދާޅުވެފައެވެ.