ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންޓިފިކް އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ޞިއްޙި ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ ސާބިތުވެފައިވާ ސައިންސްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިކަމަށްޓަކައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، "ވަން ހެލްތު" ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ވަން ހެލްތު" އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދެކިގެން މަސައްކަތް ކުރާ ސިޔާސަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށެވެ.

އެއާއެކު ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފުޅާކޮށް، ޞިއްޙީ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހަދައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ބަލިތައް އަވަހަށް ދެނެގަތުމަށް ބާރުއަޅައި، އަދި ފައިދާހުރި ފަރުވާގެ ޚިދުމަތްތައް ކަށަވަރުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓް ނިންމަވާލެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ ސިއްހަތު ދުވަހުގެ ތަހުނިޔާ ވިދާޅުވަމުންނެވެ.

މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރު ކަމުގައިވާ، "ޞިއްޙަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް" ޝިޢާރުގެ ދަށުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައިވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.