މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

އެގޮތުން 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް އަންނަނިވި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

  • ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން

  • ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
  • އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
  • ކަރުދާސް ބޭނުންކުރުން މަދުކުރުން
  • އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން

ޕީޖީ އޮފީހުން ބުނީ ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށާއި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރަން ހަމަޖައްސައިފައިވަނީ ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުނެވެ.

އޭގެ އިތުރުން އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕީޖީއިން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް ވެސް އަޅާނެ ކަމަށް ބުނެފައެވެ.

މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަން ވަނީ ކަށަވަރިކޮށްދީފައެވެ.