ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގުޅިގެން "ދި ކޮންފްލިކްޓް ޕްލޭބުކް ފޮރ ޓްރެވެލް - އެޑެޕްޓް، ޕިވެޓް ލެޑް (މޯލްޑިވްސް އެޑިޝަން)ގެ ނަމުގައި ހާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ވީއެމްސީން ބުނީ 9 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަނަކީ، ދުނިޔޭގެ ފަތުރުވެރިކަމަށް މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ބާއްވާ ސެޝަނެއް ކަމަށެވެ.
އަދި މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާތީ، އޭގެ ނޭދެވޭ އަސަރު މިހާރު ވަނީ ސަރަހައްދީ ފެންވަރަށްވުރެ ބޮޑުވެ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށާއި، ތެލުގެ އަގަށާއި، ފަތުރުވެރިކަމަށް ފޯރަން ފަށާފައި ކަމަށް ވީއެމްސީން ބުނެފައި ވެއެވެ.
މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުގެ މަގުތައް ބަދަލުކޮށް، ދަތުރުގެ ވަގުތު އިތުރުވެފައިވާއިރު، މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން އަންދާޒާކުރާ ގޮތުގައި، ފަތުރުވެރިން ކުރާ ހޭދައިން ދުވާލަކު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދުނިޔޭގެ އިގްތިސާދަށް ލިބެމުންދެއެވެ. އެހެންކަމުން، ވައިގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ އިސްނަގައިގެން މަސައްކަތް ކުރަމުންނެވެ.
މި ވެބިނާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ތަގުރީރު ކުރައްވާނެއެވެ.
ޗެއާޕާސަން އަބްދުﷲ ގިޔާސްގެ ތަގުރީރުގައި މިހާރު އުފެދެމުންދާ ހާލަތާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރުތަކުގެ އިތުރުން، ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
ޕާޓާގެ ސީ.އީ.އޯ ނޫރު އަހުމަދު ހާމިދު ވެބިނާ ތައާރަފުކޮށްދެއްވުމަށްފަހު، ދުނިޔޭގެ ފެންވަރުގެ މާހިރުންގެ ހުށަހެޅުންތައް ކުރިއަށްދާނެއެވެ.
މީގެ ތެރޭގައި، ޓޫރިޒަމް އިކޮނޮމިކްސްގެ ހެޑް އޮފް އޭޕީއޭސީ ޓޫރިޒަމް އެނަލިސިސް މައިކަލް ޝޫރީ، މާކެޓުގެ ޑިމާންޑަށް އަންނަ ބަދަލުތަކުގެ ތަފާސްހިސާބުތައް ދިރާސާކޮށްދެއްވާނެއެވެ.
އަދި އީ-ޓޫރިޒަމް ފްރަންޓިއާސްގެ ސީ.އީ.އޯ ސާރާ މެތިއުސް، ޚަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި އައު މާކެޓުތައް ހޯދާނެ އުކުޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ.
މީގެ އިތުރުން، އެ ކުންފުނީގެ ޑައިރެކްޓަރ އޮފް މާކެޓިންގ އެލިޒަބަތު ކުކް، ކްރައިސިސް ކޮމިއުނިކޭޝަން ނުވަތަ ކުއްލި ހާލަތްތަކުގައި މުއާމަލާތްކޮށް މަންޒިލްގެ އަބުރު ރައްކާތެރިކުރާނެ ގޮތުގެ އިރުޝާދު ދެއްވާނެއެވެ.
ވީއެމްސީން ބުނީ މި ވެބިނާގެ މައިގަނޑު މަގުސަދަކީ، މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ރާއްޖޭގެ މާކެޓު ވަރުގަދަކޮށް ހިފެހެއްޓުމަށް ބޭނުންވާނެ އަމަލީ އަދި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް ސިނާއަތުގެ ބައިވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ވެބިނާ ނިންމާލުމުގެ ކުރިން، ބައިވެރިންނަށް މާހިރުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
މި ސެޝަން މޮޑަރޭޓް ކުރައްވާނީ ޕާޓާގެ ޑައިރެކްޓަރ އޮފް މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޕޯލް ޕްރުއަންގްކާން އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ސިނާއަތުގެ ހުރިހާ ބައިވެރިންނަށާއި ކަމާގުޅުންހުރި ފަރާތްތަކަށް މި މުހިންމު ސެޝަންގައި ރަޖިސްޓްރީވުމަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ވެބިނަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. https://us02web.zoom.us/webinar/register/WN_8-EssENVQxC4wR_mR1fdyw