16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރެއް ރާއްޖޭއަށް އައިސްފިއެވެ. ރާއްޖެ އައިސްފައިވަނީ އިންޑިއާގެ "އައިއޯއެސް ސާގަރު"އެވެ.
މި މަނަވަރު ރާއްޖެ އައިސްފައިވާއިރު، މަރުހަބާ ކިޔުމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޖީ ބާލަ ސުބްރަމާނިއަން ވަނީ މަނަވަރަށް ވަޑައިގަންނަވާފައެވެ. މި ފަހަރު އިންޑިއާ ހިމެނޭހެން 16 ގައުމަކުން ޖުމްލަ 39 ބައިނަލްއަގްވާމީ ކްރޫއިން ވަނީ ރާއްޖެ އައިސްފައެވެ.
މިދަތުރަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑުގެ ސަލާމަތީ ކަންކަން ގުޅިގެން ބެލެހެއްޓުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން "އިންޑިއަން އޯޝަން ޝިޕް" ސާގަރު ކުރާ ދެވަނަ ދަތުރެވެ.
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޑިއާ ކަނޑުގެ ގައުމުތަކާއެކު އިންޑިއާގެ ނޭވީއިން ކުރިއަށްގެންދާ އައިއޯއެސް ސާގަރު އިނީޝިއޭޓިވްގެ ދަށުން ބައިވެރިވާ 16 ޤައުމުގެ ތެރޭގައި އިންޑިއާއި ރާއްޖެ ހިމެނޭހެން، ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރު، ތައިލޭންޑް، ސީޝެލްސް، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، ސައުތު އެފްރިކާ، ޓެންޒޭނިއާ އަދި ބަންގްލަދޭޝް ހިމެނެއެވެ.
https://x.com/HCIMaldives/status/2041001863399751727
"އައިއޯއެސް ސާގަރު" އަކީ އެކުވެރި ގައުމުތަކުގެ އަސްކަރީ ސިފައިންނަށް އިންޑިއާގެ ނޭވީ މަނަވަރުތަކުގައި ތަމްރީނު ހޯދުމާއި، އަމަލީ ތަޖުރިބާ އާލާކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހާއްސަ ޕްރޮގްރާމެކެވެ.
މި ނޭވީގައި އައި އެކި ގައުމުތަކުގެ ސިފައިންވަނީ އެ ފަރާއްތަކުގެ ތަޖުރިބާ ރާއްޖޭގެ މީޑިއާތަކާއި ހިއްސާކޮށްފައެވެ. މި ހަރަކާތުގެ ސަބަބުން ނޭވީގެ އޮޕަރޭޝަންތަކާއި ތަމްރީނުތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބި، ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ބަދަހިވެ، ކަނޑުގެ ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، މިއީ ސަރަހައްދީ ސަލާމަތާއި އެއްބާރުލުން އިތުރުކުރުމަށް އެކުލަވާލާފައިވާ 'މަހާސާގަރު' ފްރޭމްވޯކްގެ ދަށުން ކުރިއަށްގެންދާ މަސައްކަތަކަށް ވީއިރު، މި އިސްނެގުމަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިންޑިއާ ސަރުކާރުގެ "ސާގަރު"، ސަރަހައްދީ ހުރިހާ ގައުމަކަށް ރައްކާތެރިކަމާއި ކުރިއެރުން ތަސައްވުރު ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ.
މި މަޝްރޫއު ފެށިގެން އައީ އިންޑިއާގެ ކޮޗިންގައި ހުންނަ ނޭވީ ތަމްރީނު މަރުކަޒުތަކުގައި ކުރިއަށްދިޔަ ފަންނީ ތަމްރީނުތަކުންނެވެ. މި ތަމްރީނުތަކުގެ ތެރެއިން ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކާއި، ސީމަންޝިޕްގެ އުކުޅުތަކުގެ އިތުރުން، ކަނޑުގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ދާއިރާތަކުން ބައިވެރިންނަށް ފަންނީ މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދީފައިވެއެވެ.
މިހާރު ކުރިއަށްދާ މަރުހަލާއަކީ އިންޑިއާގެ ނޭވީ މަނަވަރެއްގައި، އިންޑިއާގެ ސިފައިންނާއެކު ކަނޑުމަތީގެ އަމަލީ ހަރަކާތްތަކުގައި ބައިވެރިވެ، ދަތުރުކުރުމުގެ މަރުހަލާއެވެ.