ކުޅިވަރަކީ ގައުމީ އައިޑެންޓިޓީގެ މުހިންމު ތަނބެއް ކަމަށާއި، ބޭނުންތެރި ހެޔޮ ބަދަލުތަކެއް ގައުމީ ތަރައްގީއަށް ގެނެސްދޭ ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ސްޕޯޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް ނުވަތަ، ބައިނަލްއަގްވާމީ ތަރައްގީއާއި ސުލްހައަށްޓަކައި ކުޅިވަރުގެ ނަމުގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުޅަހެޔޮ ގައުމެއް ބިނާކުރުމާއި، ޒުވާނުން އަހުލުވެރިކުރުމަށް ބާރުއެޅުމަށާއި، އިގްތިސާދީ ކުރިއެރުމަށް ބާރުއެޅުމަށާއި، އެކުގައި ވަރުގަދަ މުސްތަގްބަލެއް ބައްޓަންކުރުމަށް ކުޅިވަރުގެ ދާއިރާގެ ތަރައްގީއަށް ބޮޑު އަހަންމިއްޔަތުކަންދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި އަދި އިޖުތިމާއީ އެއްބައިވަންތަކަން ހަރުދަނާކުރުމުގައި، ކުޅިވަރާއި އޭގެ ހަމަތައް ކުރިއަރުވައިގެން ޒުވާނުންގެ ކިބައިގައި ރަނގަޅު އަހްލާގާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތް ކުރުމާއި، އިހްތިރާމް އަށަގަންނުވައި، ފައިދާހުރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަށް ކުޅިވަރު މަގުފަހިކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހަކީ 'ބައިނަލްއަގްވާމީ ތަރައްގީއާއި ސުލްހައަށްޓަކައި ކުޅިވަރު' މި ނަމުގައި ފާހަގަކުރާ ހާއްސަ ދުވަހެކެވެ. މިއަހަރުގެ ތީމަކީ 'ސްޕޯޓްސް: ބިލްޑިން ބްރިޖަސް، ބްރޭކިން ބެރިއާސް" އެވެ.
ކުޅިވަރުން މަގުތައް ގުޅުވައިދީ، ހުރަސްތައް ނައްތާލުމުގެ މައްޗަށް ހާއްސަކޮށް ކަނޑައަޅާފައިވާ މިތީމުގެ ދަށުން ގައުމުތަކުގައި ކުޅިވަރުގެ ޒަރިއްޔާއިން އެއްބައިވަންތައް ގާއިމުކުރުމާއި ގައުމުތަކުގެ ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅައެވެ.
ރައީސްގެ ޕޯސްޓް ނިންމާލެއްވީ، ބަދަލުވަމުންއަންނަ ކުކުޅިވަރުގެ ބާރުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތައް ހާސިލުކުރުމާއި ދިމާއަށް މަގުދައްކައިދިނުމަށް ގޮވާލައްވަމުންނެވެ. ރާއްޖޭގައި ހަރުދަނާ މުޖުތަމައުތަކެއް އުފައްދާ ބައިބައިވުންތައް ނައްތާލުމުގަށް ކުޅިވަރު މުހިންމު ދައުރެއް އަދާކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރުގެ ހަމަހަމަ ވަސީލަތްތައް ގާއިމުކޮށް ކުޅިވަރުތަކުގެ މެދުގައި ތަފާތުކުރުންތައް ނައްތާލުމެވެ. އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި އެކު ސަރުކާރުން އެކުލަވާލާފައިވާ ކުޅިވަރުގެ ދިގުރާސްތާ ޕްލޭނަށް ކަންކަން މަގުފަހިކުރުގައި އެސޯސިއޭޝަންތަކާއި ގުޅިގެން ކުޅިވަރުވުޒާރާއިން އަންނަނީ ކަންކަން ވިލަރެސް ކުރަމުންނެވެ.