ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ ފިރިހެނުންނެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެއީ 27ގެ މީހަކާއި 24 އަހަރުގެ މީހެކެވެ.
ކޯޓު އަމުރުގައި ބުނީ އެ މައްސަލައިގައި އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަހްގީގުކުރުމަށްޓަކައި އެ މީހުންނާއި ތަކެތި ހަވާކުރާ ފޯމާއި ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކޯޓުން ބުނީ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު މަސްތުވާތަކެތި ހުރި ލަގެޖެއް ގެނެސްފައިވާ ފަރާތެއްކަމާއި ފުލުހުންގެ ހާޒިރުގައި އެ ތަކެއްޗާ ގުޅޭ ގޮތުން ކުރެވުނު މުއާސަލާތަކުގައި ދެ މީހުންގެ ބައިވެރިވުން އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
ކޯޓު އަމުރުގައި ވަނީ އެ ދެ މީހުން އަތުން ފެނުނު ލަގެޖުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަން ހާމަކޮށްފައެވެ.
އެހެންކަމުން ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.