ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މާލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ، މި މަހު 1 ވަނ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2174 ގްރާމް ނުވަތަ 2.1 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.

އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 1 ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.7 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.