ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 އިން ފެށިގެން މިހާތަނަށް އައު ލޯނުގެ ގޮތުގައި 365 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ބުނީ މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ. ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވެސް ބޭންކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަންދީފައެވެ.
ބީއެމްއެލްއިން ބުނީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.
މީގެ އިތުރުން މިދިޔަ އަހަރު ތެރޭގައި ބީއެމްއެލްއިން ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 އިންސައްތަ އިތުރު އަދަދެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.
2025 ވަނަ އަހަރު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރެއިން 104 މިލިޔަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.