ރާއްޖޭން ލިބެން ހުރި ބޭސްތައް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަރުކާރުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު އެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، ބޭހަށް އެތައް ރުފިޔާއެއް ޚަރަދުކުރާއިރު، ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން ޖެހޭ ކަމަށެވެ.

"ރާއްޖެއަކީ ވަރަށް ޖަޒީރާ ކުދިކުދި ރަށްތަކެއްގެ މައްޗަށް ބެހިފައިވާ ޤައުމެއް ދެއްތޯ.އެހެންވީމާ ފުރަތަމަކަމަކީ ރާއްޖޭގައި ޑިސްޓްރިބިއުޝަން ޗެނަލެއް މެއިންޓެއިން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން.އެހެންވީމަ މިހާރުވެސް މި ދިމާވާ ގަޑިތަކުގެ ތެރެއިން ބޭސް ތަންތަނަށް ރަށްރަށަށް ފޯރުކޮށްދިނުމުގެ ދަތިތަކެއް އެބަވޭ.އެހެންވީމަ އެކަމަށް ވިސްނާ އަޅުގަނޑުމެން އިތުރު ކަންތައްތަކެއް އެބަކުރަން.އެހެން ނަމަވެސް ކުރިން ތި ކުރެއްވި ސުވާލުގެ ޖަވާބުގައި އަޅުގަނޑުމެންގެ މެންޑޭޓަކީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ތަކެތި ބޭހާ އަދިވެސް އެހެނިހެން ކޮންސިއުމަބަލްސްއާ އިކުއިޕްމަންޓްސް ރާއްޖޭގަ ސަޕްލައިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ކޮލިޓީގެ އެއްޗެހި ފޯރުކޮށްދިނުން.އެއާއެއްކޮށް އެ އެއްޗެހި މެއިންޓެއިން ކުރުން."

ޑރ.ޝާހު މާހިރު

ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތުތައް ލިބޭނެ ޑިޖިޓަލް ސިސްޓަމެއް އޮންނަން ޖެހޭ ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އެގޮތުން އެ ފަދަ ސިސްޓަމެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެ ސިސްޓަމް ތައާރަފުކުރުމުން ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ އެނގޭނެ ކަމަށެވެ. އަދި ކޮން ކުއަންޓިޓީއެއްގައިތޯ އާއި އެ ބޭސް ލިބެން ހުރީ ކޮން ފާމަސީއެއްގައިތޯ ވެސް އެ ސިސްޓަމުން ބަލާލެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުންޝާހު ވިދާޅުވީ ބޭހުގެ މައުލޫމާތުތައް އެނގޭނެ ސިސްޓަމެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެފަދަ ނިޒާމެއް ތައާރަފުކުރުމުން، ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށެވެ.