ހަރަދުކުޑަކުރަން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު މާދަމާއިން ފެށިގެން ކުރުކުރަން ނިންމައިފި އެވެ.
މިފްކޯގެ ސީނިއާ މެނޭޖަރ ޕީއާރް، ޝިފްޒާ މުސްތަފާ "ވީ ނިއުސް"އަށް މައުލޫމާތުދެމުން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން އެ ކުންފުނީގެ އެކްސްކޯއިން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
މީގެ ތެރެއިން، ރަސްމީ މަސައްކަތު ގަޑި ކުރުކުރުމާއި އިތުރު އެހެން ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ވެސް ޝިފްޒާ ވިދާޅުވިއެވެ.
ޝިފްޒާ ވިދާޅުވީ އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރުކޮށްލިޔަސް، އޮޕަރޭޝަނަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިފްކޯގެ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް ވެސް ޝިފްޒާ ވިދާޅުވިއެވެ.
އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ މެންދުރު 2 ގެ ފަހުން އިދާރީ އޮފީސްތައް ހުޅުވޭނީ އެ ޑިޕާޓްމަންޓުގެ އެޗްއޯޑީ ނުވަތަ ސީއީއޯގެ ބިއުރޯއިން ބޭނުންވެގެންނެވެ. އަދި ބަންދު ވަގުތުތަކުގައި ކޮންމެހެން މަސައްކަތަށް ނެރެން ޖެހޭނީ އެޗްއޯޑީގެ ހުއްދަ ދުވަހުން ދުވަހަށް ލިޔުމުން ލިބިގެން ކަމަށް ވެސް ބުނެފައިވެއެވެ.
މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ގޭގައި މަސައްކަތްކުރާނެ ވަސީލަތް ތިބި މުވައްޒަފުން އޮފީސް ގަޑީގެ އިތުރަށް ގޭގައި މަސައްކަތްކުރުމާއި، ހެޑް އޮފީހުގެ ހުއްދަ ވަކިން ހޯދުމަށްފަހު މެނުވީ ދަތުރުތައް ކުރުން ހުއްޓާލުން ހިމެނެއެވެ.
ޝިފްޒާ ވިދާޅުވީ، މި ފިޔަވަޅުތައް އަޅަން ނިންމީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި މި ފިޔަވަޅުތައް އެޅީ މުވައްޒަފުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ވިސްނުމަށްފަހުގައި ކަމަށް ވެސް ޝިފްޒާ ވިދާލުވިއެވެ.