ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރު ކޮށްފިއެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތުން ބިނާކޮށް މަސައްކަތަށް އަހުލުވެރިކޮށް އަހުލާގު ރަނގަޅު ހަރުދަނާ ޒުވާނުން ބިނާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރި ވުމުގެ ސުންގަޑި އެޕްރީލް ހަތް ވަނަ ދުވަހުގެ 14:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ދިވެހި ވަތަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ އިންސާނުން ބިނާކުރުމާއި ގައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބުގެ ގޮތުގައި ސަރުކާރުން ދެކޭ ކަންތަކެވެ. އެއީ ޒުވާނުން ތަރައްގީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަހުލާގާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެއް ކަމަށް ސަރުކާރުން ބުނެ އެވެ.
މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަހުލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތައް ވެސް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެ އެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދޭނެއެވެ.