އިއްޔެ ނިމިގެން ދިޔައީ ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިންމު އިންތިޚާބެއް ކަމަަށް ފިޝަރީޒް މިނިސްޓަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ރާއްޖޭގެ 5 ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލް ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީންނެވެ.
އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ސަރުކާރާ ދެކޮޅަށް ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އެ ދެ އިންތިޚާބު އެއް ދުވަހެއްގައި ނުބޭއްވުމަށެވެ.
އެގޮތުން އެ ނަތީޖާތަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ. އިންތިޚާބުތަކުގެ ނަތީޖާތަކަކީ
އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށާއި ސަރުކާރާއި ޕީއެންސީއަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް ކަމަަށް ޝިޔާމް ވިދާޅުވިއެވެ.
"މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް" ޝިޔާމް ވިދާޅުވިއެވެ.
އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެ މަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށާއި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމަށް އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން، ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށް މިނިސްޓަރު ޝިޔާމް ވަނީ ޝުކުރެއް އަދާކުރައްވާފައެވެ.