ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާދެއްވުން ކަމަށް، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ، އިއްޔެ ބޭއްވި އިންތިހާބުގައި މިހާތަނަށް އާންމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ވަނީ ދިފާއުކޮށް، މައި ދެ އިންތިހާބުކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ގިނަ ބަޔަކު ވޯޓުދީފައިވާތީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ފައިސަލް ވިދާޅުވީ، ބޮޑު އިންތިހާބެއް ނިމިގެން ދިޔައިރު ފެނުނީ ވެރިކަންކުރާ ޕީއެންސީން އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މުޅި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މަންޒަރު ކަމަށާއި، އެތައް ހާސް ބަޔަކަށް ވަޒީފާދިނުމާއި، އެތައް ސަތޭކަ މަޝްރޫއެއް އިންތިހާބު ކާމިޔާބުކުުރުމުގެ ބޭނުމުގައި ފެއްޓުމާއި، އަދި މުޅި ސަރުކާރު އެއްކޮށް ނިކުމެ މަސައްކަތްކުރި ތަން ކަމަށެވެ.

ފައިސަލް ވިދާޅުވީ އިދިކޮޅުގައި ތިބެ، އެމްޑީޕީން މި ހުރިހާ ދަތިތަކާއެކުވެސް މަސައްކަތްކޮށް ކާމިޔާބު ހޯދައިފައިވާކަމަށެވެ. އަދި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ނެގި ވޯޓެއްގެ ގޮތުގައި ސިފަކުރެއްވައި ފައިޞަލް ވިދާޅުވީ، ބޮޑު ތަފާތަކުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށެވެ.

"މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅުގޮތަކީ، އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އިތުބާރުނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުމަށްފަހު އަވަސް އިންތިޚާބަކަށް ދިއުން،"

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް

މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާތައް ދައްކާގޮތުން އެމްޑީޕީން ވަނީ މާލެ، ކުޅުދުއްފުށިސިޓީ، ތިނަދޫސިޓީ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ ކައުންސިލްގެ ގިނަ އަދަދެއްގެ ގޮނޑިތައްވެސް ކާމިޔާބުކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ގިނަ ގޮނޑިތަކެއްވެސް ނަގާފައެވެ.